
މާލެ ސިޓީ ކައުންސިލްއިން ވެމްކޯއަށް 116.4 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ފައިސާއަކީ 2024އިން ފެށިގެން ކުނި އުކާލުމުގެ ހިދުމަތް ހޯދުމަށް ފަހު ނުދައްކާ އޮތް ފައިސާ ކަމަށެވެ. އެހެންވެ އެ ފައިސާ ހޯދުމަށާއި އަދި މެދު ނުކެނޑި ހިދުމަތް ދިނުމަށް ފާއިތުވި ދެ އަހަރު އެކި ފަހަރު މަތިން ސިޓީ ކައުންސިލްއާ އެކު ބައްދަލުވުންތައް ބޭއްވިކަމަށް ވެސް ވެމްކޯއިން ބުންޏެވެ. ނަމަވެސް އެ ފައިސާ ދެއްކުމަށް ޕޭމަންޓް ޝެޑިއުލްއެއް ހުށަހެޅުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް މިހާތަނަށް ވެސް ސިޓީ ކައުންސިލްއިން އެއްބާރުލުން ދީފައިނުވާ ކަމަށް ވެމްކޯއިން ބުންޏެވެ.
“ކަންމިހެން އޮތް ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތަށް ބުރުލެއް އެރިޔަ ނުދިނުމުގެ ގޮތުން، ސިޓީ ކައުންސިލްއިން މިހާރު ހޯދުމުންދާ ހިދުމަތްތައް މެދުކަނޑާނުލައި މި ކޯޕަރޭޝަންއިން ދަނީ ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ސިޓީ ކައުންސިލްގެ އިތުރު ތަންތަން ރަޖިސްޓްރީކޮށްދިނުމާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ވަގުތު މި ކޯޕަރޭޝަންއިން ވަނީ އުޒުރުވެރިވެފައެވެ” ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
ވެމްކޯއިން ބުނީ ބޮޑެތި ކަސްޓަމަރުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތުމާއެކު ކުންފުންޏަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޕެންޝަން ފައިސާ ފަދަ ކަންކަން ހަމަޖެއްސުމަށް ވެސް އުނދަގޫވެފައިވާ ކަމަށެވެ.

