
ވޭތުވެދިޔަ ނުވަ ޤަރުނު ވަންދެން އެއްވެސް ބަދަލެއް ނައިސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ލިބޭ މަތިވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު އާންމުކުރެއްވި ޚާއްޞަ ޚިޠާބެއްގައި، މި މަތިވެރި ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން، ފަސްޓް ލޭޑީ ވަނީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަކީ މި ދީނުގައި ސާބިތުވެ ތިބުމުގެ އެންމެ ބޮޑު ސިއްރުކަމުގައި ސިފަކުރައްވާފައެވެ. އަދި މި ބޮޑުވެގެންވާ ނިޢުމަތް މިންވަރުކުރެއްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރައްވައި، ކުރިމަގުގައި ވެސް ދިވެހި އުންމަތް އިސްލާމީ ހިދާޔަތުގެ އަލިކަމުގައި ލެހެއްޓެވުން އެދި އެކަމަނާ ވަނީ ޚާލިޞް ދުޢާކުރައްވާފައެވެ.
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް.
މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު… pic.twitter.com/4duSauPZjR
— First Lady Sajidha Mohamed (@sajidhaamohamed) September 13, 2026
ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުގައި، ދިވެހިންގެ ހިތްތަކަށް އިސްލާމްދީނުގެ ނޫރު ވަދެގެންދިޔައީ މީލާދީ ސަނަތުން 1153 (ހިޖުރީ ގޮތުން 548)ވަނަ އަހަރުގެ ތެރޭގައެވެ. މޮރޮކޯގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީގެ ސަބަބުން ރާއްޖެއަށް އައި މި އިންޤިލާބީ ބަދަލާ އެކު، އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވި ޛަވްލީ ކަލަމިންޖާ (އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދިﷲ) ވަނީ އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، މުޅި ޤައުމުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައަޅުއްވާފައެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށެވެ. ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، ދިވެހި ރައްޔިތަކަށް ވެވޭނީ ހަމައެކަނި މުސްލިމުންނަށެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މި ތާރީޚީ މުހިންމު ހާދިސާގެ ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ.

