
ރާއްޖޭގެ 60ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މާލޭގައި ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ ވުޒާރާއާ ހަވާލުވެ ހުންނެވި ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މި މައުލޫމާތު ވަޒީރު ހިއްސާކުރައްވާފައި ވަނީ، މިނިވަން ދުވަހުގެ ހަރަކާތްތަކަށް ދައުލަތުން ކުރި ހޭދައިގެ ތަފްސީލު ހޯއްދެވުމަށާއި، އަތޮޅުތެރޭގައި މިފަދަ ހަރަކާތްތަކެއް ހިންގާފައިވޭތޯ ސާފުކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ސުވާލާ ގުޅިގެންނެވެ.
މެންބަރުގެ ސުވާލަށް ތަފްސީލީ ގޮތެއްގައި ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ފާއިތުވި މިނިވަން ދުވަހާ ގުޅުވައިގެން ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އެ ވުޒާރާގެ ފަރާތުން ރަސްމީ ހަރަކާތްތަކެއް ރާވައި ހިންގާފައި ނުވާނެ ކަމަށެވެ. އެހެންކަމުން، މާލެ ފިޔަވައި އަތޮޅުތެރޭގައި މިފަދަ އެއްވެސް ކަމަކަށް ފައިސާއެއް ހަރަދުވެފައި ނުވާކަން އެކަމަނާ ވަނީ ޔަގީންކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ 60ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެ ގިނަ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދިޔައިރު، މި ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނު މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރުވި ޚާއްސަ ދައުވަތަކަށެވެ.

