
6 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ތ. ގުރައިދޫ، މަންޒިލް، ހަސަން ޝާމިން (37އ.)އެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރުން އެނގޭ ގޮތުގައި، އެ މައްސަލާގައި ފުލުހުން ތައްޔާރުކުރި ތަހުލީލު ރިޕޯޓުގައިވާ ގޮތުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގައި 6 ކިލޯ ހުރިކަން އެނގިފައިވާކަމެވެ.
އެ ކޯޓުން ބުނީ އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކުރީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ޝާމިންގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރުމުގެ ކުށެވެ. އެ ގޮތުން ހެއްކެއްގެ ގޮތުގައި ލޮޓް އިންވެސްޓްމަންޓް ކުންފުނީގެ ނަމުގައި އޭނާ ކުރާ މުއާމަލާތްތަކާއި ބޭންކް ސްޓޭޓްމަންޓް ކޯޓަށް ހުށަހަޅާފައިވާ ކަން ކޯޓު އަމުރުން އެނގެއެވެ.
އޭނާ މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުން، މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ އޯޕިއޭޓްސް އާއި އެމްފެޓަމިނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

