
4 ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވި ސަފީރުންނާއި އެ ސަފީރުންގެ ގައުމުތަކަކީ:
- ނެމީބިއާ – އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ އެލެކްސް އެލް. ޓުކުހުޕްވެލޭއެވެ.
- ޑޮމިނިކަން ރިޕަބްލިކް- އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒްއެވެ.
- ކިއުބާ – އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާއެވެ.
- ގަތަރު – އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީއެވެ.
މީގެ ތެރެއިން ކިއުބާ އާއި ޑޮމިނިކަން ރިޕަބްލިކް އިން ރާއްޖެއަށް ކަނޑައަޅާފައި ވަނީ ނޮން ރެސިޑެންޓް ސަފީރުންނެވެ.
މި ހަތަރު ސަފީރުން ވެސް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު އެކަމަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ހަތަރު ސަފީރުން ވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާ އެކު ހިންގަވާފައެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ހަތަރު ސަފީރުންނާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން :
- ނެމީބިއާ ސަފީރާ ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވުނަކުރުމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ޙިއްޞާކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވެސް ދެއްވާފައިވެއެވެ.
- ޑޮމިނިކަން ރިޕަބްލިކް ސަފީރު އާ ބައްދަލުކުރެއްވުމުގައި ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާ އެކު، ދެ ޤައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ދެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެ ބޭފުޅުން ދެއްވާފައިވެއެވެ.
- ކިއުބާގެ ސަފީރާ ބައްދަލުކުރެއްވުމުގައި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް މަޝްވަރާ ކޮށްފައިވެއެވެ. އދ. ގައި ދިވެހިރާއްޖެއިން ސާބިތުކަމާ އެކު ދެމުންގެންދާ އެއްބާރުލުމަށް ކިއުބާގެ ސަފީރު ޝުކުރު އަދާކުރައްވާފައިވާއިރު މިބައްދަލުވުމުގައި ދެބޭފުޅުން ވެސް ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
- ގަތަރުގެ ސަފީރާ ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޢުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަމާއި ވުނަކުރުން ހިމެނޭހެން ދެ ޤައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އުޚުއްވަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވިއެވެ.
ނެމީބިއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1990ވަނަ އަހަރުގައެވެ. ޑޮމިނިކަން ރިޕަބްލިކް އާއެކު ސިޔާސީ ގުޅުން ރާއްޖެއިން 2010ވަނަ އަހަރު ގާއިމް ކޮށްފައިވާއިރު ރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1977ވަނަ އަހަރުގައެވެ. އަދި ގަތަރާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރީ 1984ވަނަ އަހަރުގައެވެ.

