
30ގައުމަކުން ބައިވެރިވި އެންޓި ސްކޭމް އޮޕަރޭޝަންއެއްގައި ދިވެހި ފުލުހުން ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ އާންމުންގެ އަތުން ގެއްލުނު 3.1މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ޖުލައިއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދިޔަ ކުރިއަށްގެންދިޔަ “އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް”ގައި 544މައްސަލައެއް ހުށަހެޅިއެވެ. އަދި އެ މައްސަލަތަކުގައި 5.2މިލިއަން ރުފިޔާ ގެއްލުނުއިރު ފުލުހުން ކުރި މަސައްކަތުން ވަނީ 3.1މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފައެވެ.
“މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1އިންސައްތައެވެ. މި ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއެކެވެ”ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޮޕަރޭޝަންގެ މުއްދަތުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ދެނެގަނެ 17މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ހިފަހައްޓައި ފްރީޒްކުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

