
24ރަށެއްގައި 50މެގަވޯޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުއެއް ފަށަން ނިންމައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދާނީ އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށާއި، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
“މި މަޝްރޫއަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ”މިނިސްޓްރީން އިތުރަށް ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

