
މިދިޔަ މޭ މަހުގެ ފަސް ވަނަ ދުވަހު 21ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރި ހިޔާވަހި/ލ.ކަލައިދޫ، އަބްދުﷲ ރާއިފް (27އ)އަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށް އޭނާ ބުނެފިއެވެ.
އެ މައްސަލައިގައި ރާއިފްއާއެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އިރު އެ މީހުންގެ ބަންދުގެ މުއްދަތު މީގެ ކުރިން އޮތީ ޖަހައިފައެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ރާއިފް އިތުރު 30ދުވަހަށް ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.
ރާއިފްގެ ދިފާއުން ކޯޓުގައި ބުނި ގޮތުގައި އޭނާއަކީ ކުޑަ އިރުއްސުރެވެސް އޯޓިޒަމްއަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އެހެންވެ ނަފްސާނީ އެސެސްމަންޓްއެއް ހަދަން ބޭނުންވެއެވެ. އަދި ކޯޓުން ވަނީ އެފަދަ އެސެސްމަންޓެއް ހަދަން ވެސް ފުލުހުންނަށް އަމުރުކޮށްފައެވެ.
ރާއިފް ހައްޔަރުކުރީ ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް ފަހުން އެކަމުގައި ތުހުމަތުކުރެވޭ މީހުން ހޯދަން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޮޕަރޭޝަންއެއްގެ ތެރެއިންއެވެ.
އަދި އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، އިތުރު 13ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.
ރާއިފްއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެއްވެސްމެއެވެ.

