
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސުމަށް އެ ޕާޓީގެ ކޮންގްރެސްއިން އިއްތިފާޤުވެއްޖެއެވެ.
އެ ޕާޓީގެ މެމްބަރު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ފާސްކޮށްފައި ވަނީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތް 1،119 މަންދޫބުންގެ ސީދާ ތާއީދާ އެކު ގައެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެ، އެކަން ޕާޓީގެ މެމްބަރުންގެ މަޖިލީހަށް ހުށަހަޅުއްވައިފި ހިނދެއްގައި، ޕްރައިމަރީއަކާ ނުލައި ޓިކެޓް ހަވާލުކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެންވެއެވެ.
މި ގަރާރުގައި ރައީސް މުޢިއްޒަށް ޓިކެޓް އެރުވުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް ބަޔާންކޮށްފައި ވަނީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުގެ އިސްތިޤުލާލު ހިމާޔަތްކުރުމަށާއި، އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގައުމު އާރާސްތުކުރުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް ބަލައިގަތުމުގެ ގޮތުންނެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމާއި، ކަނޑުގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓޭނެ ނިޒާމު ގާއިމުކުރުމާއި، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ފެށުމުގެ އިތުރުން ދަރަނި މެނޭޖުކޮށް އިގްތިސާދު ސިންދަފާތުކުރުން ހިމެނެއެވެ. އަދި ދިވެހި ގައުމިއްޔަތު ދިރުވައި، ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމާއި، އޯގާތެރި އަދި އަދުލުވެރި ވެރިކަމެއް ކުރައްވަމުން ގެންދެވުން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް ގިނަ ބޭފުޅުންތަކެއް ވަނީ ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ވަޒީރުން ކަމަށްވާ ޢަބްދުﷲ ޝާހިދާއި ފައްޔާޒު އިސްމާޢީލްގެ އިތުރުން މަޖިލިސް މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.

