
ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަތިވެރި މަގުސަދުގައި، ދުވާލަކު ތިރީސް ޓަނުގެ އައިސް އުފައްދާ 11 ޕްލާންޓެއް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު މެލޭޝިއާގެ ‘އަލްޓަސް އޮއިލް އެންޑް ގޭސް’ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު މާގިރި ހޮޓެލްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ. މި އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ އެގާރަ ރަށުގައި ޑިޒައިން، ބިލްޑް އަދި ސަޕްލައި އުސޫލުން އައިސްޕްލާންޓްތައް ފަރުމާކޮށް، ބިނާކޮށް އަދި އޮޕަރޭޝަނަށް ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އެ ކުންފުނިންނެވެ. މީގެ ތެރޭގައި ޕްލާންޓްތަކަށް ބޭނުންވާ އެންމެހާ އާލާތްތައް ފޯރުކޮށްދިނުމާއި، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ލޮނުފެނުން ފިނިކުރާ ނިޒާމު ހަރުކުރުން ހިމެނެއެވެ.
މަސައްކަތް ނިންމުމަށް ފަހު އިންސްޓޯލްކޮށް ޓެސްޓުކުރުމާއި، ވޮރަންޓީ އަދި އާފްޓަރ-ސޭލްސް ހިދުމަތްތައް ދިނުމަކީ ވެސް މެލޭޝިއާ ކުންފުނީގެ ޒިންމާއެކެވެ. އޭގެ އިތުރުން މަޝްރޫއާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ސަރުކާރަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރާނީ އެ ފަރާތުންނެވެ. ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ މަސްވެރިންނަށް އެންމެ އެކަށީގެންވާ އަގެއްގައި، ފަސޭހަކަމާ އެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
މި އައިސްޕްލާންޓްތައް ނިމި ހިދުމަތް ދޭން ފެށުމުން، އައިސް ހޯދުމަށްޓަކައި ދޯނިފަހަރުން ކުރަންޖެހޭ ދިގު ދަތުރުތައް ހުއްޓުމަކަށް އައިސް، ދަތުރުތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ލަފާކުރެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އުމްރާނީ ތަރައްގީ ކުރިއެރުވުމަށާއި، މަސްވެރިން ބާނާ މަހުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި އެޅިގެންދާ ނުހަނު މުހިންމު ފިޔަވަޅެކެވެ.

