
ޒަރޫރީ މުދާ އިމްޕޯޓްކުރަން 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން އެގްރިމެންޓްްއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީއާ) އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ސޮއިކުރެއްވި އިރު އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް އާމާއެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓްކޮށް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ކުންފުނިތަކަކާއި ބޭންކުތަކަށް ފައިނޭންސިންގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަމާއި ލަފާ ފޯރުކޮށްދޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ މަހު އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްއިން ވެސް ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާތީ ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތެޔޮ އިމްޕޯޓްކުރަން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

