
ކީރިތި ޤުރްއާން ކިޔެވުމާއި އޭގެ މަތިވެރި ޢިލްމު ހޯދުމުގައި ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ގޮވާލައްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި 38ވަނަ ޤައުމީ ޤުރްއާން މުބާރާތް އިފުތިތާޙުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، މުބާރާތަކުން ވަނައެއް ހޯދުމަށްވުރެ ބޮޑަށް، ކުދިންގެ ހިތްތަކުގައި ޤުރްއާނަށް ދެވިފައިވާ ލޯބި ދެމެހެއްޓުމަށް ބެލެނިވެރިންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ޤުރްއާނާއި މީހާއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި މުބާރާތަކުން ނިމޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ކުދިންގެ އުޅުމާއި އަޚުލާޤު ޤުރްއާނުގެ އަލީގައި ބައްޓަންކުރުމަށް ނައިބު ރައީސް އިރުޝާދު ދެއްވިއެވެ. ކުޑަކުދިންގެ ކިބައިގައި ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފައްދައި، ޤުރްއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ބަޔާންކުރައްވަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާބެހޭ މަރުކަޒުތައް ބިނާކުރުމާއެކު މުދައްރިސުންނަށް އިތުރު ތަމްރީނުތައް ދިނުމަށް ރާވާފައިވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.
މި އަހަރުގެ މުބާރާތް ވެސް ކުރިއަށް ދަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. ޖޫން އަދި ޖުލައި މަހު އަތޮޅުތަކުގެ 20 ސަރަޙައްދަކާއި މާލޭގައި އޮޑިޝަންތައް ބާއްވާފައިވާއިރު، 379 ބައިވެރިންނާ އެކު ސެމީ ފައިނަލްގެ ކިޔެވުން މި މަހުގެ 11އިން 14އަށް ކުރިއަށް ދާނެއެވެ. އަދި ފައިނަލަށް ހޮވޭ 150 ދަރިވަރުންގެ ކިޔެވުން އޮންނާނީ މި މަހުގެ 16އިން 17އަށެވެ.

