
އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ މުހިންމު ބޭހެއް ކަމަށްވާ ‘މިތައިލްފެނިޓޭޑް’ އަކީ މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން މަނާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ބޭސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާގެ މަތިން، މަނާ ބޭސްތަކުގެ ލިސްޓުން މި ބޭސް އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ބަޔާންކުރައްވައި، އެކަމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމާ ގުޅިގެން މައްސަލަ ދިރާސާކުރުމަށް ފަހު، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާގުން ވަނީ މި ބޭސް ރާއްޖޭގައި ބޭނުންކުރުން ހުއްދަކުރުމަށް ފާސްކޮށްފައެވެ.
މިއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މީގެ އަހަރެއްހާ ދުވަސް ކުރިން މަޖިލީހުގެ ސަމާލުކަމަށް ގެންނެވި މައްސަލައެކެވެ. ފުރަތަމަ ފަހަރަށް މި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން، ފަހުން އޭނާ މިކަން ހުށަހެޅުއްވީ އޭޑީއެޗްޑީ ހުންނަ ކުދިންގެ 47 ބެލެނިވެރިއެއްގެ ސޮޔާ އެކު ޕެޓިޝަނެއްގެ ސިފައިގައެވެ. އަދި މި މައްސަލައިގައި އަވަސް ހައްލެއް ހޯދައިދިނުމަށް އެދި، ކުޑޫ ވަނީ ދާދި ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަށް އިޞްލާޙު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ދިރާސާކުރުން pic.twitter.com/dc2gFPFpan
— People's Majlis (@mvpeoplesmajlis) May 6, 2026
އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)އަކީ ކުދިންގެ ސަމާލުކަން ކުޑަވުމާއި އާދަޔާޚިލާފަށް ހަލަނިވުން ފަދަ އަލާމާތްތައް ފެންނަ ނަފްސާނީ ހާލަތެކެވެ. މި ހާލަތަށް ފަރުވާކުރުމަށް ދޭ ‘މިތައިލްފެނިޓޭޑް’ އަކީ ސިއްހީ ގޮތުން ރައްކާތެރި އަދި އެކަށީގެންވާ ބޭހެއްކަން ސައިންސްގެ އަލީގައި ސާބިތުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ އޮތޯރިޓީން ވެސް ވަނީ މަނާ ލިސްޓުން މި ބޭސް އުނިކޮށްދިނުމަށް އެދި މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅާފައެވެ.
ބޭހުގެ މައްސަލައިގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީއާއި އެހެނިހެން ފަރުވާތައް ފޯރުކޮށްދިނުމުގައި އެންސްޕާއިން އިހުމާލުވެފައިވާ ކަމަށް ބުނެ، އެކަން ތަހުގީގުކޮށްދިނުމަށް ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިން ވަނީ އެދިފައެވެ. މި ތަހުގީގުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ޑިސެބިލިޓީ ކޮމިޝަން ބައިވެރިކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

