
ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި އައު ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް އަރުވައިފިއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގެ ލުސައިލް ގަނޑުވަރުގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތަށް ފަހު އޮތް ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަންފުޅުގައި ޤަޠަރުގެ އަމީރަށާއި އެ ޤައުމުގެ އާންމު ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށް ޤަޠަރު ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދެއްވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤަޠަރުގެ އަމީރު ވަނީ، އާ ސަފީރަށް މަރުޙަބާ ދަންނަވައި، މަގާމުގެ މަސްއޫލިއްޔަތުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ހަމައެހެންމެ، އާދަމް ޝަރީފްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަން އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމުގެ ޔަޤީންކަން ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ ފާޅުކުރެއްވިއެވެ.
ޤަޠަރުގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާ ކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޤަޠަރުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙުސީން ވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

