
ދިވެހި ޤައުމު މިއަދު މި އޮތް ޙާލަތުގައި މި އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަބަބުން ކަމަށާއި ރައީސްއަށް ދެވަނަ ދައުރެއްދޭން ހަރު އަޑުން ގޮވާލަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މެންބަރު މުޙައްމަދު ވިދާޅުވީ ޤައުމަށް އިޙްލާސްތެރި، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ ރައީސްއެއް، ރައީސް މުޢިއްޒު ފިޔަވައި ދިވެހިރާއްޖޭގައި ވެރިކަންކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ތަރައްޤީ ގެންނަވާނެ ރައީސްއެއް ވެސް ރާއްޖޭގައި ވެރިކަންކޮށްފައި ނެތް ކަމަށާއި ބޭރުގެ ދަރަނި ދައްކަވައި ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތައް ފުރިހަމައަށް ހޯދައިދީގެން ދުރުވިސްނޭ ސިޔާސަތެއްގެ ދަށުން ޤައުމު ހިންވާ ސިޔާސީ ލީޑަރެއްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ މެންބަރު ސިފަކުރައްވާފައެވެ.
“މުޙައްމަދު ތަކުރުފާނު ޤައުމަށްޓަކައިވީ ޤުރުބާނީ ޤައުމަށްޓަކައިވާ ރައީސްއެއް ރައީސް މުޢިއްޒުއަކީ” މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުއަކީ ޤައުމުގެ ކުރިމަގު އާރާސްކުރާނެވަރުގެ ހެޔޮލަފާވެރިއެއް ކަމަށާއި ރައްޔިތުން އަމިއްލައަށް ނިކުމެ ރައީސް މުޢިއްޒުއަށް ދެވަނަ ދައުރެއް ހޯދައްވައިދެންވާނެ ކަމަށް ޔަޤީން ކުރައްވާކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ދެ އަހަރުގެ ވެރިކަމުގެ ތެރޭގައި ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގަވައި އިޖުތިމާޢީ އެތައް މަސައްލަތަކެއް ޙައްލުކޮށްދެއްވައި ޤައުމު ދަރަނިން ސަލާމަތްކޮށްދެއްވުމަކީ ރައީސް މުޢިއްޒުއަށް ދެވަނަ ދައުރެއް ރައްޔިތުން ހޯދައިދޭނެ ސަބަބުތައް ކަމަށް ވެސް މެންބަރު މުޙައްމަދު ފާހަގަކުރެއްވިއެވެ.

