
ހުޅުމާލެ އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން ކަމަށް ތުުހުމަތު ކުރެވޭ މީހާ ދެނެގަނެވިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ އަކީ މި މަހުގެ 2 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ހާދިސާގައި އެ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގައި އެ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށާއި އެ މީހާގެ ހާލަތަށް ރިއާޔަތްކޮށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ފެންމަތިވެފައިވާ އިރު ބައެއް މީހުން އެ މައްސަލަތަކުގައި ހައްޔަރުވެސްކޮށްފައިވެއެވެ.
މިސްކިތްތަކަށް ގެއްލުން ދިނުމުގެ އިތުރުން މިސްކިތްތަކުގައި ހުންނަ ފަންކާތައް ވަގަށް ނެގުމުގެ މައްސަލަތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

