
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދުގެ ކެމްޕޭނާ ގުޅިވަޑައިގަންނަވަން އެމްޑީޕީގެ ނައިބު ރައީސް ކަމުން ކުރީގެ މަޖިލިސް މެންބަރު ހިސާން ހުސައިން އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ ނައިބު ރައީސްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ އޭނާ އެ މަގާމަށް ހަމަޖައްސަވަނީ ވެސް ޝާހިދު ކަމަށް ވާތީއެވެ.
“އަޅުގަނޑުގެ މަގާމާއި މެންޑޭޓު ގުޅިފައި ވަނީ އަޅުގަނޑުގެ ނަން ހުށަހެޅުއްވި ޕާޓީގެ ރައީސްގެ މެންޑޭޓާ. އެހެންކަމުން ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން ޑިމޮކްރެސީގެ ރީތި އުސޫލާއި ހަމަޔަކަށް ރިއާޔަތް ކުރާއިރު، ނައިބު ރައީސްގެ މަގާމުގައި އަޅުގަނޑު ދެމިހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑު ނުދެކެމެވެ” ހިސާން ލިއުއްވާފައިވެއެވެ.
ޝާހިދާއި ހިސާންގެ އިތުރުން އެމްޑީޕީގެ މާލީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ކުރީގެ މަޖިލިސް މެންބަރު އަހުމަދު އަބްދުﷲ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވީ އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ކުރީގެ ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝާހިދުގެ އިތުރުން އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ފައްޔާޒު އިސްމާއީލެވެ. ފައްޔާޒު ވެސް ރިޔާސީ ޕްރައިމަރީ ހަމަހަމަކަން ފުރުސަތު ދެއްވަން ވެގެން، އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ކަން އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ގާތުގައި ވިދާޅުވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

