
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބާއި ދައުލަތަށް ހިދުމަތް ކޮށްދެއްވި ޝަރަފުވެރިން ވެސް ހިމެނޭ ގޮތަށް ތަޖުރިބާކާރުންގެ ހާއްސަ މަޖިލީހެއް އެކުލަވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފާއި، އެކި ޝަރަފުތަކުގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން އިނާމު ހޯއްދަވާ ބޭފުޅުންނަށް އިނާމުތައް އަރުވައެވެ.
“މި ތަނުގައި އިނާމު ދެވިގެން އެ ދިޔައީ އެތައް އެތައް އަހަރެއް ވަންދެން ގައުމަށް، ދައުލަތަށް ހިދުމަތް ކޮށްދެއްވި ބޭފުޅުން. އެ ބޭފުޅުންގެ ހުންނާނެ ވަރަށް ގިނަ ތަޖުރިބާ. އެ ބޭފުޅުންގެ ހުންނާނެ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ބޭފުޅުންގެ ތަޖުރިބާ އަލީގައި ދެއްވޭނެ އަދި ދެއްވަން ބޭނުންފުޅުވާ މަޝްވަރާ,” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެ ޖަލްސާގައި ވިދާޅުވީ އެ ބޭފުޅުންނަށް މިފަދަ ހާއްސަ ދުވަހެއްގައި އަގު ވަޒަންކުރަން ޖެހެނީ މިނިވަން ކަން ދެމެހެއްޓުމަށް ޓަކައި ދިވެހި ދަރިންގެ ކިބައިން ފެންނަން ޖެހޭ މުހިންމު ސިފަތަކެއް އެ ބޭފުޅުންގެ ހުރުމުން ކަމަށެވެ. އެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ ސިފަތަކަކީ، އަމާނާތްތެރިކަން، ނަޒާހަތްތެރިކަން، ވަފާތެރިކަން، އިހުލާސްތެރިކަން، މުރާލިކަން، ކެތްތެރިކަން އަދި ކަމަށް ކަމޭ ހިތުމުގެ ހިކުމަތްތެރިކަމެވެ.
“ނޮވެމްބަރު މަސް އަންނަންވާއިރަށް މި ދެ މަޖިލިސް ވެސް އެކުލަވާލައި ނިމޭނެ ކަމަށް އުންމީދުކުރަން. އޭރު ތަޖުރިބާ ހުރި ބޭފުޅުންނާއި ފަންނީ ބޭފުޅުންނަަށް ވެސް އިންސްޓިޓިއުޝަނަލައިޒު ވެފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާރަށް މަޝްވަރާއާއި ލަފާ އެރުވޭނެ،” ރައީސް ވިދާޅުވިއެވެ.
ގައުމުގެ ކަންކަން ނިންމުމުގައާއި ސިޔާސަތުތައް ބައްޓަންކޮށް އެ ކަންކަން ތަންފީޒުކުރުމުގައި އެ ބޭފުޅުންގެ މަޝްވަރާއާއި ލަފާ ވަރަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެެ.

