
އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޖަލުގައި ހުރިއިރު އުނދަގޫކުރި ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ދޮގުކުރައްވައިފިއެވެ.
ޝަހުޒާން ޖަލަށްލީ އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަނެ ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގަ އެވެ. އަދި އޭނާ ވަނީ އިއްޔެ މިނިވަންވެފައެވެ.
މިނިވަންވުމަށް ފަހު ޝަހުޒާން ބުނީ އޭނާ ޖަލުގައި ހުރިއިރު ދަންވަރުގެ ގަޑީގައި ކަރެކްޝަންސްގެ އޮފިސަރުން ވަދެ އޭނާ ނިދަން އޮންނަ އަށްޓާއި ފާރުގެ އެތަން މިތަން ތަޅައި ސުންނާފަތި ކުރި ކަމަށެވެ.
ނަމަވެސް މިނިސްޓަރު އިހުސާން ޝަހުޒާންއަށް ރައްދު ދެއްވައި އެކްސްގައި ވިދާޅުވީ ޝަހުޒާން ހެދީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
ނަމަވެސް ރޭގަނޑު ބަލާފާސްކުރުމުގެ އޮޕަރޭޝަންއެއް ކުރިއަށް ގެންދިޔަ ކަމަށާއި އެއީ އާންމު ފަރާތްތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އަމުރާ ހިލާފުވި މައްސަލައިގައި ޖަލަށްލި އަދަދުގެ އަނެއް ނޫސްވެރިޔާ ލީވާންއާއި ޝަހުޒާންއާ ދެ މީހުން ތިބި ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންވެ ޖަލުގައި ތިބޭ އެހެނިހެން ގައިދާންނާމެދު ވެސް އަމަލުކޮށް މޮނީޓާކުރާ ގޮތަށް ލީވާންއާއި ޝަހުޒާންވެސް ވަކި ގޮޅިތަކަކަށްލި ކަމަށް ވެސް ބުންޏެވެ.
އަދި ޖަލުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން އޭގެ ފަހުން ވެސް ދެ ނޫސްވެރިން ތިބި ގޮޅިއަށް ވަދެ ބަލާ ފާސްކުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހުޒާންއަށް ގޯނާކުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް ކަމަށް ބުނާ ވާހަކަތައް ވެސް މިނިސްޓަރު ދޮގުކުރެއްވި އެވެ. އަދި އޭނާގެ މިނިސްޓަރުކަމުގައި އެފަދައިން ރައީސް އިރުޝާދު ދެއްވާފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަލުން ފޯނު ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

