
ސިއްޙީ ގޮތުން ދިމާވާ ޚާއްޞަ ޙާލަތްތަކުގައި، އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މުވައްޒަފުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދޭ އައު އުޞޫލުތަކެއް މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި 19ވަނަ އިޞްލާޙާ އެކު، ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރެވޭނީ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މާހިރަކު ނުވަތަ މަރުކަޒަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް އިދާރާއަށް ހުށަހެޅުމުންނެވެ. މިފަދަ ހުށަހެޅުންތަކަށް ހުއްދަ ދިނުމުގެ އިޚްތިޔާރު ލިބިގެން ވަނީ އެ އޮފީހެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށެވެ. އަދި މިގޮތަށް ހުއްދަ ދޭންވާނީ، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކަކީ އޮފީހުން ބޭރުގައި ހުރެގެން ވެސް ފުރިހަމައަށް އަދާކުރެވޭނެ ބާވަތުގެ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްފަހުގައެވެ.
މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިން ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަން އިދާރާތަކުން ޔަޤީންކުރަންޖެހެއެވެ. އެގޮތުން، ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާ ޙަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ސުޕަވައިޒުކުރުމާއި، އެކަމަށް ބޭނުންވާނެ އެކަށީގެންވާ މާޙައުލަކާއި ވަސީލަތްތައް ހުރިކަން ކަށަވަރުކުރުން ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން، މި ހުއްދަ ދޫކުރެވޭނީ ވަޒީފާގެ މަޢުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަށް އިޤުރާރުވެ، ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ.
މުހިންމު ޙާލަތެއް މެދުވެރިވެގެން އޮފީހުން އަންގައިފި ހިނދެއްގައި، ވަޒީފާއަށް ނުކުތުމަށް މި ޤަވާއިދު ލާޒިމުކުރެއެވެ. އަދި ގޭގައި ހުރެގެން ކުރާ މަސައްކަތުގެ ފެންވަރު ދަށްކަމަށް އިދާރާއަށް ފާހަގަކުރެވިއްޖެނަމަ، ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމުގެ ބާރު ވެސް އޮފީހަށް ލިބިގެންވެއެވެ. ނަމަވެސް، ޓީޗަރުންނާއި، ނަރުހުން ފަދަ ޚިދުމަތްދޭ ތަނަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަންނީ މުވައްޒަފުންނާއި، އިދާރާތައް ހިންގުމާ ހަވާލުވެތިބޭ އިސްވެރިންނަށް މި އުޞޫލުގެ ދަށުން ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

