
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤުޞަދުގައި، އެފަރާތްތަކަށް ވަކި މަގާމުތަކެއް ޚާއްޞަކުރަންޖެހޭ ގޮތަށް ވަޒީފާދިނުމުގެ ގަވާއިދަށް ފުރަތަމަ ފަހަރަށް އިޞްލާޙު ގެނެސްފިއެވެ.
މި އިޞްލާޙުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ މައިގަނޑު ތިން މިންގަނޑެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، މަސައްކަތުގެ މާޙައުލުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރާ މިންގަނޑާއި، އެފަރާތްތައް ވަޒީފާގައި ޝާމިލުކުރުމަށްޓަކައި ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކުގެ މިންގަނޑުގެ އިތުރުން، ވަޒީފާ ހަމަޖައްސައިދިނުމުގެ ޢާންމު މިންގަނޑު ހިމެނެއެވެ. މިއީ 2024ވަނަ އަހަރު ވުޖޫދުކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ ބަދަލެވެ.
ވަޒީފާގެ މާޙައުލުގައި މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި އައު އުސޫލުތަކެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި، އެކަމާގުޅޭ މުހިންމު މަޢުލޫމާތުތައް ކަމާ ބެހޭ ވުޒާރާއަށް ހުށަހެޅުމަށް މިހާރު ވަޒީފާދޭ ފަރާތްތަކަށް ލާޒިމުވާނެއެވެ.
މީގެ އިތުރުން، އެ ފަރާތްތައް ވަޒީފާގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުންނާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި އިޞްލާޙަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ވަޒީފާގެ މައިދާނުގައި ގެންގުޅޭ ތަފާތުކުރުންތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

