
ކަންކަމުގައި މާތް ﷲ އަށް ވަކީލުކުރުމުގެ އަސްލު މާނައަކީ މަސައްކަތްނުކޮށް ފަރުވާކުޑަކޮށްލައިގެން ތިބުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކަމަކަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި ސަބަބުތަކުގައި ހިފުމަށް ފަހު، އެކަލާނގެ ޙަޟްރަތުން ކާމިޔާބީއާއި ރައްކާތެރިކަމަށް އެދި ޔަޤީންކުރުން ކަމުގައި މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
“ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން”މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލައި ދިން މި ޚުޠުބާގައި، ހިޖުރައިގެ ފުޅާ މާނައަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، ހަމައެކަނި އުފަން ރަށް ދޫކޮށް އެހެން މަންޒިލަކަށް ދަތުރުކުރުމުގެ ބަދަލުގައި، ހިޖުރައިގެ އެންމެ މަތިވެރި މަޤްޞަދަކީ ފާފަތަކާއި ނުބައި އާދަތައް ދޫކޮށްލުމަށް ފަހު ހެޔޮކަމާއި ﷲ ގެ މަގަށް އެނބުރި އައުންކަން ވަނީ ފާހަގަކޮށްފައެވެ.
ކީރިތި ރަސޫލާ (ޞޢވ)މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ދީނުގެ ޙައްޤުގައި އަމިއްލަ އެދުންތަކާއި ލޯބިވާ ޢާއިލާ ދޫކޮށްލެއްވުމުގެ މަތިވެރި ޤުރުބާނީކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން، ކޮންމެ ކަމެއްގައި ވެސް ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށްޓަކައި އެކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ރާވައި، މަސްއޫލިއްޔަތުތައް ބަހާލައިގެން އިންތިޒާމުކުރުމުގެ މުހިންމުކަން އެ ޙާދިޘާއިން ސާބިތުވާކަން ވެސް ބަޔާންކުރިއެވެ.
ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް މުއުމިނުން އީމާންކަންމަތީ ސާބިތުވެ ތިބުމުގެ މުހިންމުކަމަށް ގޮވާލަމުން ޚުޠުބާގައި ބުނީ، މައްކާގެ މުޝްރިކުން ބޮޑެތި އިނާމުތައް ހުށަހަޅައިގެން ރަސޫލާ ހޯދުމަށް ނުކުތް ނަމަވެސް، ﷲ ގެ ނަޞްރާ މެދު އެކަލޭގެފާނު ބެހެއްޓެވި ފުރިހަމަ ޔަޤީންކަމުގެ ސަބަބުން ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުވެގެން ދިޔަ ކަމަށެވެ. އަދި ހިޖުރައިގެ ޙާދިޘާއަކީ ފުރަތަމަ އިސްލާމީ ދައުލަތް ބިނާކުރުމުގެ ފެށުންކަން ފާހަގަކޮށް، ސިއްރާއި ފާޅުގައި ހިތް ނިޔަތް ޚާލިޞްކޮށް، ﷲ އަށް ކުރެވޭ “ހިތުގެ ހިޖުރަ”އަކީ އެންމެ މުހިންމު އެއް ކަންތައް ކަމުގައި ޚުޠުބާ ނިންމާލަމުން ވަނީ ނަޞޭޙަތްތެރިވެފައެވެ.

