
މިއަދު ފާހަގަކުރާ މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އިޖުތިމާޢީ މީޑިއާ މަންސަ “އެކްސް” މެދުވެރިކުރައްވައި އާންމުކުރެއްވި ޚާއްޞަ މެސެޖެއްގައި، އެމަނިކުފާނު ވަނީ މި މަތިވެރި ދުވަހުގެ ދަރުމައާއި ޘަވާބުގެ އިތުރުން، މާތްﷲގެ ފުއްސެވުމާއި ރުއްސެވުން، އަދި ރަޙުމަތާއި ބަރަކާތް ކޮންމެ ދިވެއްސަކަށްމެ މިންވަރުކުރެއްވުން އެދިވަޑައިގެން ހެޔޮ ދުޢާކުރައްވާފައެވެ.
އިސްލާމީ އުންމަތުގައި ފާހަގަކުރާ އެންމެ މާތް އެއް ދުވަސްކަމަށްވާ ޙައްޖު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަހުގެ ގޮތުގައި ކަނޑައެޅިފައިވާ ދުވަހެވެ. މި މުހިންމު ދުވަހު މައްކާއަށް ގޮސްތިބޭ އެންމެހާ ޙައްޖުވެރިން ޢަރަފާތު ބިމަށް ޖަމާވެ، މެންދުރު ނަމާދާއި އަޞްރު ނަމާދު އެކުގައި އަދާކުރުމަށް ފަހު، އިރުއޮއްސެންދެން ހޭދަކުރާނީ ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި އަދި ދުޢާކުރުމުގެ މަތިވެރި އަޅުކަމުގައެވެ.
މީގެ އިތުރުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިނުވާ މުސްލިމުންނަށް، މި ދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ޢަރަފާތް ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށްފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ.

