
ޗުއްޓީ ބަންދުގައި އުމްރާއަށް 4000އަށް ވުރެ ގިނަ ދިވެހީން ގޮސްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މި ދުވަސްކޮޅު އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4ހާހަށް ވުރެ ގިނަ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މި ފަހަރު އަލަށް ރާއްޖޭގެ ތާރިހުގައި ވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތަކެއް ކޮށްފައެވެ. އެ ދަތުރުތައް ކުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ 330 މަރުކާގެ ބޯޓެއްގައެވެ.
ގައުމީ އެއަރލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތަކެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22ގައެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ކުރި އެ ފުރަތަމަ ދަތުރުގައި ވެސް 750 އަށްވުރެ ގިނަ މީހުން އުމްރާއަށް އުފުލިއެވެ.

