
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގައި މިހާރު ހުންނެވި އައިޝަތު ހަސަން އެ މަގާމަށް އައްޔަނުކުރީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅުއެވެ. އަދި އޭނާގެ ދައުރު މި މަހު ހަމަވާނެއެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 28އާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.
ނަމަވެސް ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17އާ ހަމައަށް އަލުން ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
އެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30އިން މެންދުރު 12:00އަށް، ރައީސް އޮފީހުންނެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ޗީފް ސްޓެޓިސްޓީީޝަންގެ މަގާމަކީ ދިވެހި ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި މި ބިއުރޯގެ މަސައްކަތްތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވެސް ފިނޭންސް މިނިސްޓަރެވެ.

