
ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ސިޔާސަތުތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ދިން 880 ސޯލާ މަގުބައްތި ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
“ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް”ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރު ތަމްސީލުކުރައްވައި މި ލިޔުމުގައި ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
އިރުގެ އަލި ބޭނުންކޮށްގެން ދިއްލޭ މި ބައްތިތައް އަތޮޅުތެރޭގެ ރަށްރަށުގައި ހަރުކުރުމާ އެކު، އާންމު ކަރަންޓު ވިއުގައަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަގުތައް އަލިކުރުމަށް ކައުންސިލްތަކުން ކުރަންޖެހޭ ހޭދަ ކުޑަވެ، ރަށްރަށުގެ ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ.
މި ފޯރުކޮށްދިން އެހީތެރިކަމަކީ، ރާއްޖެއަށް ބޭރުން އެތެރެކުރާ ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ލިބުނު ބާރެކެވެ. މީގެ އިތުރުން، މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެކެވެ.

