
ގދ. ނަޑެއްލާއިން ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ފޮރުވައިގެން، އެ ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ނަޑެއްލާ / ދުބުރިމާގެ، އަޙްމަދު ޒާހިމް (29އ) ކަމަށެވެ.
މަސްތުވާތަކެތި ނައްތާލައި، އެ ތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މި މެއި މަހުގެ 5ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ނަޑެއްލާ ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

