
ކުދި ޖަޒީރާ ގައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ އދ. ގެ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ)ގެ ކޮޕް 17ގެ ހައި-ލެވެލް ސެގްމަންޓުގެ “ފައިނޭންސް ޑޭ”ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ހާއްސަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ބިން ތިރި ގައުމުތަކުގައި ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެން ފަށަލައަށް ލޮނުއެޅުމުގެ ސަބަބުން ބިން ހަލާކުވުމަކީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ މައްސަލަތަކެއް ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މާލީ އޮނިގަނޑުތަކުގައި މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ގޮނޑުދޮށްތަކާއި ބިންތައް ހަލާކުވަމުންދާ މައްސަލައިގެ ނާޒުކުކަން ބަލައިގަނެ، ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް)ފަސޭހައިން ލިބޭނެ ފަދަ މާލީ ނިޒާމުތަކެއް ގާއިމުކުރުމަށް މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.
އަދި ޖަޒީރާ ގައުމުތަކުގެ ހާއްސަ ހާލަތްތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ “ބްލޫ-ގްރީން”ފައިނޭންސްގެ ވަސީލަތްތައް ފުޅާކުރުމަކީ މިކަމަށް އޮތް މުހިންމު ހައްލެއް ކަމުގައިވެސް ވިދާޅުވިއެވެ.

