
ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ ގައުމުގެ މީޑިއާތަކުގައިވާ ގޮތުން، ލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން މި މަހުގެ 22ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އުމުރުން 40 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން ކަޓުނަޔަކަ އެއާޕޯޓަށް ފޭބި ވަގުތު، ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ހިންގި ފާސްކުރުމުގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، ސެކިއުރިޓީއަށް އޮޅުވާލުމުގެ ނިޔަތުގައި ޖަނގިޔާގެ އެތެރޭގައި ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ ‘އައިސް’ (މެތަމްފެޓަމިން) ފެނިފައިވެއެވެ. ލަންކާ ފުލުހުން ބުނާގޮތުގައި މި ތަކެތި ހުރީ ދެ ޕެކެޓަކަށް ބަހާލުމަށް ފަހު ސެލޯޓޭޕް އަޅައި ރައްކާތެރިކޮށްފައެވެ.
ތަހުގީގަށް އޭނާ ދިން މައުލޫމާތުގައި، އެ ޑްރަގްސް ގެނައީ ލަންކާގައި އައިސްގެ ވިޔަފާރިކުރާ މައި ނެޓްވޯކެއްގެ މީހަކާ ހަވާލުކުރުމަށްކަމަށް ވަނީ އެއްބަސްވެފައެވެ. މި އިއުތިރާފާ ގުޅިގެން އެ ރޭ ކޮލަމްބޯގެ ހޮޓަލެއްގައި ހުއްޓައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ އަތުލައިގަނެފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ވަގުތު، އޭނާގެ އަތުން ވެސް 10 ގްރާމާއި 670 މިލިގްރާމްގެ އައިސް ފެނިފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ދިވެހިންނަކީ ވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކާ ގުޅުން އޮންނަ ބައެއްކަމަށް ލަންކާ ފުލުހުން ގަބޫލުކުރެއެވެ. ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ މި ދެމީހުން ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ. ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

