
ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި، ސަރުކާރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ. ބިލުގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުން ގާނޫނީ ގޮތުން ކުށަކަށް ހެދުމާ އެކު، ކުނި ނައްތާލުމުގެ ކަންކަން ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ރާވައި ހިންގުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމެވެ. މިހާރު ގާނޫނު އޮންނަ ގޮތުންނަމަ، މިނިސްޓްރީން އެކުލަވާލާފައިވާ ހާއްސަ ގަވާއިދެއްގެ ދަށުން ހުއްދަ ހޯދައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު އޮވެއެވެ.
މީގެ އިތުރުން، އާންމުންނާއި ވިޔަފާރިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން، 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑި ނުވަތަ ހޯލްސޭލްކޮށް ގަންނަ ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުން މި އިސްލާހުގެ ދަށުން އުނިކުރާނެއެވެ. މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާއިރު، މި ބަދަލުގެ ސަބަބުން ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 5.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް ފީގެ ގޮތުގައި 2،011،421 ރުފިޔާ ވަނީ ދައުލަތަށް ޖަމާވެފައެވެ.

