
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމް ހެދުމުގެ ޚިދުމަތް ތަޢާރަފުކޮށް، އެކަމަށް ބޭނުންވާ ލެވެލް ދޭއްގެ މެޑިކަލް މަރުކަޒު ބިނާކުރުމަށްޓަކައި ހުޅުމާލޭ ސަހަރާ ސަރަޙައްދުން ބިމެއް ހަމަޖައްސައިފިއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ފެސިލިޓީ އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ލިބިފައެވެ. އަދި އާކިޓެކްޗަރަލް ކުރެހުންތަކުގެ މަސައްކަތްތައް ވެސް ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާއިރު، މި ސެންޓަރު ފަރުމާކުރެވެމުންދަނީ ޒަމާނީ ސްކޭންގެ ޚިދުމަތްތައް ވެސް ދެވޭނެ ފަދަ ފުރިހަމަ ވަސީލަތްތަކަކާ އެކުގައެވެ.
މި ޔުނިޓުގެ ސަބަބުން ޝަރުޢީ އަދި ތަޙުޤީޤީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ސިއްޙީ ވަޒީރު ރައްޔިތުންގެ މަޖިލީހުގައި ފާހަގަކުރައްވާފައިވާ ފަދައިން، ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން، ބަންދުގައި ތިބޭ ފަރާތްތަކަށް ލިބޭ އަނިޔާތަކާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ފަދަ ލާއިންސާނީ ޢަމަލުތައް ތަޙުޤީޤުކުރުމަށް މި މަރުކަޒުގެ ބޭނުން ހިފޭނެއެވެ. މީގެ އިތުރުން ޝަރުޢީ މަރުޙަލާތަކުގައާއި އިންޝުއަރެންސް ކްލޭމްތަކުގައި އަނިޔާގެ މިންވަރު ކަށަވަރުކުރުމަށް ވެސް މިތަނުން މަގުފަހިވާނެއެވެ.
މިހާތަނަށް ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެ ހާލަތެއްގައި ހަށިގަނޑުތައް ފޮނުވަމުން އައީ ރާއްޖެއިން ބޭރަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި 23 ހަށިގަނޑެއް ބޭރަށް ފޮނުވާފައިވާއިރު، މިއިން ކޮންމެ ކޭސްއަކަށް ދައުލަތުން ގާތްގަނޑަކަށް 55،000 ރުފިޔާ ޚަރަދުކުރަންޖެހެއެވެ. ރާއްޖޭގައި މި މަރުކަޒު ހުޅުވުމާ އެކު، ބޭރަށް ކުރަންޖެހޭ މި ބޮޑު ހޭދަ އެއްކޮށް ސަލާމަތްކުރެވިގެންދާނެއެވެ.

