
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްވެރިޔާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) އަށް ދީފައިވާ ޕެރޯލްގެ ފުރުސަތު ބާތިލްކޮށް، އޭނާ އަލުން ޖަލަށް މިއަދު ގެންގޮސްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަބުޗާ މިނިވަންކުރުމަށް ޕެރޯލް ބޯޑުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން އެ ނިންމުމަކީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާވެސް ފުށުއަރާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޕެރޯލް ދިނުމުގައި އަބުޗާ ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ރަނގަޅަކަށް ނޫނެވެ. އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އަބުޗާގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ތިން ދައުވާއެއް ސާބިތުވެ، 12 އަހަރާއި ހަ މަހުގެ ތިން ހުކުމެއް އިއްވާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް އައި 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފައެވެ.
ފުލުހުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި، 61 ކިލޯގެ ޑައިމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓާއެކު އޭނާ ހައްޔަރުކުރީ ކަނޑުމަތިންނެވެ. އޭނާ ހައްޔަރުކުރި އިރު، މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލުމުން، ފުލުހުން ވަނީ ކަނޑަށް ފުންމާލައިގެން އެ ތަކެތި ނަގާފައެވެ.
ޕެރޯލްގެ ގާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ ވަކި ބާވަތްތަކާއި މިންވަރު ހިމެނޭ މައްސަލަތަކުގައި ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރަން ޖެހެއެވެ. ނަމަވެސް، މަސްތުވާތަކެތީގެ ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މީހުންނަށް މިހާރު ޕެރޯލްގެ ފުރުސަތެއް ނުލިބޭނެއެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އަބުޗާ އަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަށް ފަހަރު ހައްޔަރުކޮށްފައިވާ، އަދި ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ ތުހުމަތުވެސް ކުރެވިފައިވާ މީހެކެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެންމެ އިސް އެއް ނެޓްވޯކް ހިންގާ ފަރާތް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

