
ޕެރޯލްއަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގައިދީންނާ އިންޓަވިއުކޮށްފިއެވެ.
ކަރެކްޝަންސްއިން ބުނީ ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްސަ ބައްދަލުވުންތަކެއް މި މަހުގެ 11ވަނަ ދުވަހުގައި މާފުށި ޖަލުގައި ބާއްވާފައިވާ ކަމަށެވެ. އަދި އެ ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތްވެސް ބަލާފައިވާކަމަށް ބުންޏެވެ.
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމައުއަށް ވަނީ ދޫކޮށްފައެވެ.
މިދިޔަ އަހަރު ގައިދީންނަށް ފޯރުކޮށްދީފައިވާ އެކި ހިދުމަތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ރިކުއެސްޓެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން 189 ފޯމް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު 43 ފޯމް ޝަރުތު ހަމައެއް ނުވެއެވެ. އަދި 8 ފޯމެއްގެ މައްސަލަ ނިންމާފައި ނުވާއިރު އެއް ފޯމް އޮތީ ގާނޫނީ ލަފައަކަށް އެދިފައެވެ.

