
ޕެންޝަން ފަންޑަކީ ރައްޔިތުންނަށް އެންމެ އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކުރެވިފައިވާ ފަންޑަކަށް ހައްދަވާނެކަމުގެ ޔަޤީންކަން އައު ސީއީއޯ ޔަޒްމީދު މުޙައްމަދު ދެއްވައިފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު މުވައްޒަފުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، އޭނާގެ ދައުރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެ ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މުޅި މުއައްސަސާގެ ހިންގުން އެ އަމާޒަށް ބައްޓަންކުރައްވާނެކަން ފާހަގަކުރައްވައި، ޕެންޝަން އޮފީހަކީ ޢާންމުންގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާ، ނަމޫނާ އަދި ޒަމާނާ އެއްގޮތަށް ކުރިއަރާފައިވާ ހަރުދަނާ އިދާރާއަކަށް ބަދަލުކުރެއްވުމަކީ އެންމެ ބޮޑު އެއް ތަޞައްވުރު ކަމުގައި އޭނާ ވިދާޅުވިއެވެ.
މުއައްސަސާގެ އަމާޒުތަކަށް ވާޞިލުވުމުގައި މުވައްޒަފުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މަސައްކަތުގެ މާޙައުލަކީ އެއްބައިވަންތަ އަދި އެކުވެރިކަމާ އެކު މަސައްކަތްކުރެވޭނެ އުފާވެރި ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށް ވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއި އިންޞާފާ އެކު ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ވަޢުދުވެވަޑައިގަތެވެ.
މީގެ އިތުރުން، އޮފީހުގެ އެންމެހައި ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުން ވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކޮށް، އެއް ޓީމެއްގެ ގޮތުގައި ގުޅިގެން ނަތީޖާ ނެރެދިނުމަށް ޔަޒްމީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

