
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ އައްޔަންކުރެއްވުމަށް ފަހު، އެކަމަށް ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ހިނގާ މަހުގެ 23ވަނަ ދުވަހު ޒައިނާ އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ރައީސް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށެވެ. މި މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއާ ހަވާލުކޮށްފައެވެ.
ފައިނޭންސް އަދި ބޭންކިންގ ދާއިރާގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ޒައިނާ މިހާރު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ. އެ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި މަޝްރޫއުތަކަށް ދޫކުރާ ފައިނޭންސިންގެ ކަންކަމާއި ކްރެޑިޓް އިވެލުއޭޝަންގެ އިތުރުން ކޯޕަރޭޓް ފައިނޭންސިންގެ އޮޕަރޭޝަންތައް ބަލަހައްޓަވަނީ އެކަމަނާގެ ބެލުމުގެ ދަށުންނެވެ.

