
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ގައުމީ ކޮންގްރެސްގެ ތެރެއިން، އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް އާންމުކޮށް ހުޅުވާލައިގެން ހޮވާ 18 ގޮނޑިއަކަށް ވާދަވެރި އިންތިހާބަކަށް ފަހު މިއަދު ބޭފުޅުން އިންތިހާބުކޮށްފިއެވެ.
އިއްޔެ ފެށިގެން ކުރިއަށްދާ އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި މިއަދު މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައި ވަނީ ޕާޓީގެ އިސް މަގާމުތަކަކަށް ބޭފުޅުން އައްޔަނުކުރުމަށް ނެގުނު ސިއްރު ވޯޓެވެ. މިގޮތުން 1200 އަށްވުރެ ގިނަ މަންދޫބުންގެ ވޯޓާ އެކު، އާންމު 18 މެންބަރުންގެ އިތުރުން ޕާޓީގެ 6 ނައިބު ރައީސުންނާއި، ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކަށް ވެސް ވަނީ މެންބަރުން ކަނޑައަޅާފައެވެ. މެންބަރުންގެ މަޖިލީހުގެ އާންމު ގޮނޑިތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ 18 ޖާގައަށް ހަތްދިހައަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
މި އިންތިހާބު ކާމިޔާބުކުރެއްވި ފަރާތްތަކުގެ ތެރޭގައި އެންމެ ގިނަ ވޯޓު ހޯއްދެވީ 787 ވޯޓާ އެކު މުހައްމަދު މަބްރޫކެވެ. މީގެ އިތުރުން އަހްމަދު ހަމްދުﷲ ރަޝީދާއި، ހުސައިން ޔާމީން މުހައްމަދާއި، މުހައްމަދު އަބްދުﷲ އަދި އިބްރާހީމް ރައްޒާން ފަދަ ބޭފުޅުން ވަނީ ގިނަ ވޯޓުތަކަކާ އެކު ކުރީ ސަފުން ޖާގަ ހޯއްދަވާފައެވެ. އިންތިހާބުވި ހުރިހާ ފަރާތްތަކުން ވެސް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މަގާމުގެ އިގުރާރުގައި ސޮއިކުރައްވާނެއެވެ.
ވޯޓުލުމުގެ ކަންކަމުގެ އިތުރުން، މި ކޮންގްރެސްގެ ތެރެއިން ވަނީ މަންދޫބުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކޮށް އޮޅުންފިލުވުމުގެ ފުރުސަތު ކޮންގްރެސްގެ ބައިވެރިންނަށް ވަނީ ފަހިކޮށްދީފައެވެ.

