
މި މަހުގެ 11ވަނަ ދުވަހު ބޭއްވި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ނަގައި، މަރާމާތުކޮށްދިނުމަށް އެ ޕާޓީން އެއްބަސްވެއްޖެއެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން ޕީއެންސީގެ އަމީންއާންމު މޫސާ ފަތުޙީ މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ވޯޓުލުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ސްކޫލުގެ އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށް ޕާޓީގެ ފަރާތުން ވަނީ ނިންމާފައެވެ. އަދި ގެއްލުންވި ތަންތަން މަރާމާތުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރެވި، އެކަމުގެ ހިސާބުތައް ހިމެނޭ ރިޕޯޓެއް މިހާރު ތައްޔާރުކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ހުރި އެ މަރުކަޒުގައި ހިންގި މާރާމާރީގައި ސްކޫލުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާއިރު، ސައުންޑް ސިސްޓަމްގެ ބައެއް އާލާތްތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. ޕާޓީގެ އާންމު މެންބަރުންތަކެއް ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުން އުފެއްދީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅުންހުރި ބައެކެވެ.
މި ހާދިސާގައި ޕާޓީގެ ދުވަސްވީ ސަޕޯޓަރަކަށް ޕެނިކް އެޓޭކެއް ޖެހި، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މީގެ އިތުރުން، ހަމަނުޖެހުން ކޮންޓްރޯލްކުރަން އުޅުނު ފުލުހުންނަށް ހުރަސްއަޅައި ފުލުހުންނާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު، މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

