
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، އެތައް ބައެއްގެ ހިޔާލާއި މަޝްވަރާ ހިމެނޭނެހެން ބާއްވާ ތާރީހީ ބައްދަލުވުމަކަށް ވެގެންދާނެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 15އިން 18އަށް ކުރިއަށްގެންދަން ނިންމާފައިވާ މި ބޮޑު ކޮންގްރެސްއަށް އެ ޕާޓީގެ އިސް ސަފުން މިހާރު އަންނަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކުރެއްވުމެވެ. އެގޮތުން، ޒުވާނުންނާއި އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމަށް އެމަނިކުފާނު ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ފުރިހަމަ ކޮންގްރެސްއަށް މި ބައްދަލުވުން ވެގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން ނިމާލް ވިދާޅުވީ، މިއީ އާންމު މެންބަރުންނަށް ގޮތް ނިންމުމުގައި ސީދާ ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ހަރަކާތެއް ކަމަށެވެ. އަދި މި ކޮންގްރެސް ނިމުމާ އެކު، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނެކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
މީގެ ކުރިން ރައީސް ޑރ. މުއިއްޒުވެސް ވަނީ ޕީއެންސީއަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓާ ނަމޫނާ ޕާޓީއަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ކޮންގްރެސްއަކީ އެމަނިކުފާނުގެ އެ ތަސައްވުރު ހަގީގަތަކަށްވެ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކައިދޭނެ ކާމިޔާބު ބައްދަލުވުމަކަށް ވާނެކަމުގެ ޔަގީންކަން ޕާޓީގެ އާންމު މެންބަރުންނާއި ސަޕޯޓަރުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

