
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުމަކީ، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ އިންތިޒާމު ރަނގަޅު އަދި ކާމިޔާބު ކޮންގްރެސްއަށް ވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ކޮންގްރެސް ފޯރި” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް ފައިދާހުރި ކާމިޔާބު ވެރިކަމެއް ކޮށްދިނުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން، މުޅި ރާއްޖޭގައި މިހާރު ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، ޕީއެންސީގެ ސަރުކާރު ވެގެންދާނީ ފަސް އަހަރުގެ އެއް ދައުރުގެ ތެރޭގައި އެންމެ ގިނަ ޚިދުމަތްތަކާއި މަޝްރޫޢުތައް ރައްޔިތުންނަށް ފުރިހަމަކޮށްދޭނެ ސަރުކާރަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ޤައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރައްވައި އެހެން މަރުޙަލާއަކަށް ރައީސް ޑރ. މުޢިއްޒު ޤައުމު ގެންދަވާއިރު، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ކުރިއަށް އޮތް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު ޕީއެންސީ ފެންނާނީ ވަރަށް ބަދަހި އަދި ވަރުގަދަ ޓީމެއްގެ ގޮތުގައިކަމަށާއި، މި ކޮންގްރެސްގެ ސަބަބުން މަތީ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމައި އާންމު ރައްޔިތުންނަށް ޕާޓީގެ މުސްތަޤުބަލާމެދު އޮތް އުންމީދު އާލާވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ މަންދޫބުން މިހާރު ވެސް މާލެއަށް ޖަމާވަމުންދާއިރު، އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަމާއި، ޕާޓީގެ ފަރާތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ޕާޓީގެ ސެކްރެޓޭރިއޭޓުން މިހާރު އަންނަނީ ވަރަށް ހަލުވިކަމާ އެކު ފުރިހަމަކުރަމުންނެވެ.

