
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުޙައްމަދު ނިމާލް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ވެރިކަންކުރާ ޕާޓީގެ އިސް މަގާމަކަށް ނިމާލް ކުރިމަތިލައްވާއިރު، މި މަގާމަށް އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ވަޒީރު ރާފިއު، އިސް ތަރުޖަމާނު މުންދު، މެންބަރު އަސްމާ އަދި މެންބަރު ސައުދާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއާ އެކު ޕާޓީގެ ލީޑަރޝިޕްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާކަމަށް ހާމަކުރައްވަމުން ނިމާލު ވިދާޅުވީ، އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމުގައިވީ ނަމަވެސް، މިއަދު މި ޕާޓީގެ ދެވަނަ ކޮންގްރެހަށް ކުރިމަތިލާއިރު ޕާޓީ ވެރިކަމުގައި އޮތީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ޝާމިލުވުމާ އެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވަރުބަލިވުމެއް ނެތި ޕާޓީއަށް ކާމިޔާބު ހޯދައިދިނުމުގައި ދެމި ހުންނަވާނޭ ކަމަށެވެ. އަދި އެ މަަސައްކަތުގައި ރައީސް ޑރ.މުޢިއްޒަށް އެހީތެރިވުމުގައި ހުންނަވާނޭ ކަމަށާއި އެންމެ ބޮޑު ލަނޑުދަނޑިއަކީ އެ މަނިކުފާނަށް 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުން ކަމަށެވެ.
“ސިޔާސީ ބޭނުމަކަށް ވެސް އަދި އެހެން ކަމަކަށް ވެސް އަޅުގަނޑު ދޮގެއް ނުހަދާނަމެވެ. އަޅުގަނޑު ދެމިހުންނާނީ އެ ދުވަހު ވެސް ހުރި ގޮތުގެ މަތީގައެވެ. އިރާދަކުރެއްވިއްޔާ މާދަމާ ވެސް ސާބިތުވެ ދެމިހުންނާނީ އެގޮތުގެ މަތީގައިކަން ކަށަވަރުކޮށްދެމެވެ. ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މި ޕާޓީގައި ތިއްބެވި ލޮބުވެތި އެންމެހައި މެންބަރުން ގަބޫލުކުރައްވާނެ ފަދައިން، ޕާޓީއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގެ ވަގުތުގައި ވެސް އަދި ކާމިޔާބީގެ ވަގުތުގައި ވެސް ދެގޮތެއް ނުވެ ސާބިތުވެ ހުންނާނެ އެކަކު ކަމުގައި ތިޔަ މެންބަރުން ގަބޫލުކުރައްވާ ގަބޫލުކުރެއްވުމަކީ، އަޅުގަނޑަށް ލިބޭ މަތިވެރި އުފަލަކާ އަދި ދިރުން ގެނެސްދޭ ބޮޑު ހިތްވަރެކެވެ. އަދި އެއީ ތާއަބަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.” ނައިބުރައީސްކަމަށް ކުރިމަތިލައްވާކަން ހާމަކުރައްވަމުން ނިމާލް ވިދާޅުވެފައި ވެއެވެ.
ޕީއެންސީގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން، އެ ޕާޓީގެ ގައުމީ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޕާޓީގެ އޮނިގަނޑު ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީ ތައްޔާރުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

