
ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ސުހާ އިބްރާހީމްގެ ކާމިޔާބީ ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީދޫއަށް މިއަދު ވަޑައިގެންފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ފުރަތަމަ ނެގި ވޯޓުގައި ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެއްވަރަށެވެ. އެހެންވެ އިއްޔެ އަލުން އެ މަގާމަށް މީހަކު ހޮވަން އިންތިހާބު ބޭއްވި އިރު ސުހާ ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ.
އެހެންވެ ސުހާގެ ކާމިޔާބީ މިރޭ ފާހަގަކުރުމަށް ތައްޔާރުވަމުންދާ އިރު “ދެން”އަށް އެނގިފައިވާ ގޮތުން ރައީސް މުއިއްޒު މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ވަނީ އެ ރަށަށް ވަޑައިގެންފައެވެ.
ސުހާގެ ކާމިޔާބީ ފާހަގަކުރަން މިރޭ މީދޫގައި ޖަލްސާއެއް ވެސް ބާއްވަން ތައްޔާރުވަމުންދާ އިރު އެ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެކަން “ދެން”އަށް ވަނީ އެނގިފައެވެ.
ސުހާއަކީ، ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލީ ބޭފުޅެއް ވެސް މެއެވެ.

