
ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރައްވާ ޕާމަނަންޓް ސެކްރެޓަރީންނާއި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައި، އެކަން ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ފަރާތުން ކަމާގުޅޭ ފަރާތްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ޕާމަނަންޓް ސެކްރެޓަރީންގެ އިތުރުން ދާއިމީ އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންގެ އުޖޫރައަށެވެ. މީގެ ކުރިން މި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް، ޚާއްސަކޮށް ސިޓީ ކައުންސިލްތަކުގެ އެސްޖީންނާއި ވުޒާރާތަކުގެ ޕީއެސްއިންނަށް މުސާރައާއި އިނާޔަތްތަކާ އެކު ޖުމްލަ 53،000 އެއްހާ ރުފިޔާ މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާ އެކު މި އަދަދު ދަށްވެގެންދާނެއެވެ.
އިސް މަގާމުތަކުގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު މި ބަދަލުގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއާ ގުޅުންހުރި ތިން ކެޓަގަރީއެއްގެ ވަޒީފާގެ މެޓްރިކްސްއަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސަރ ސަޕޯޓް ޓެކްނީޝަނުންނާއި، އައިސީޓީ މެނޭޖަރުންގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެނަލިސްޓުންގެ މުސާރައާއި އިނާޔަތްތަކަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.
މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑަށް ގެނެވުނު މި އައު ބަދަލުތަކަށް އަމަލީ ސިފަ އަންނަން ފަށާނީ ކުރިއަށް އޮތް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށް ސީއެސްސީއިން ވަނީ ކަނޑައަޅާފައެވެ.

