
ސަރުކާރުގެ ފަރާތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި މި ބިލަށް ބަހުސްކުރައްވަމުން ފަލާހު ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ހިންގާ ބޭރުގެ ފަރާތްތަކުން މިހާރު ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 5 އިންސައްތަ ދެއްކުމަށް ގާނޫނުގައި އޮތް ނަމަވެސް، އެކި ގޮތްގޮތުން އެ ފައިސާ އުނިކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އަލަށް ގެންނަ ބަދަލާ އެކު، އެހެން ޓެކްސްތަކާ އަޅައިކިޔައި ވިތުހޯލްޑިން ޓެކްސް ކުޑަކުރުމަށް އޮންނަ މަގުތައް މުޅިން ބަންދުވެގެންދާނެއެވެ.
މިސާލެއް ނަންގަވަމުން އޭނާ ވިދާޅުވީ، ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 100 މިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީކުރާނަމަ، އޭގެ 10 އިންސައްތަ (10 މިލިއަން ޑޮލަރު) އެއްވެސް އުނިކުރުމަކާ ނުލައި މީރާއަށް ދައްކަންޖެހޭނެ ކަމަށެވެ. މީގެ ނަތީޖާއަކީ ބޭރުގެ ކުންފުނިތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ދިވެހި ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ލިބުމުގެ ފުރުސަތު ބޮޑުވެގެން ދިއުން ކަމަށް މެންބަރު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން މި ބިލާ ދެކޮޅަށް ދައްކަވާ ވާހަކަތަކަށް ރައްދުދެއްވައި ފަލާހު ވިދާޅުވީ، ސިޔާސީ ބޭނުމަކަށް ބިލަށް ފާޑުކިއުން އަމާޒުކުރި ނަމަވެސް، މިއީ ގައުމުގެ މާލިއްޔަތަށާއި ދިވެހި ވިޔަފާރިތަކަށް ނުހަނު ފައިދާހުރި ބަދަލެއް ކަމަށެވެ. އަދި މި އިސްލާހާ ދެކޮޅު ހެދުމަކީ ދައުލަތަށް ވަންނަ ފައިސާއާއި ދިވެހިންނަށް ލިބެން އޮތް މަންފާއަށް ހުރަސްއެޅުންކަމުގައި ވެސް އޭނާ ސިފަކުރެއްވިއެވެ.

