
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހުސްވެފައިވާ މަޤާމަށް ދެ ބޭފުޅުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މީހަކު އައްޔަނުކުރުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައި މިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު، ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި މީރާގެ ވެރިޔާގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވާގޮތުން، އެ މަޤާމަށް ޢައްޔަނުކުރަން ފެނިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ ހއ. ތަކަންދޫ، ސާދާގެ، މުޙައްމަދު ހަލީމް ޢަބްދުﷲ އަދި ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާއެވެ.
ރައީސް ހުށަހެޅުއްވި ދެ ބޭފުޅުންނަކީ ވެސް އެކައުންޓިންގ އަދި މާލީ ދާއިރާއިން މަތީ ތަޢުލީމާއި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެގޮތުން ޔުނިވާސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓެންސީގެ ރޮނގުން މާސްޓަރސް ހައްދަވާފައިވާ ހަލީމް، މިވަގުތު ހުންނެވީ ސީއޭ މޯލްޑިވްސްގެ ރައީސްކަމުގައެވެ. އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މާސްޓަރސް އިން އެކައުންޓިންގ ފުރިހަމަކުރައްވާފައިވާ އަމީޒާއަކީ މިހާރު ވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.
މި މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއާ ހަވާލުކޮށްފައެވެ. ކޮމިޓީ މަރުޙަލާގައި މި ދެބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުން ފާސްކުރާ ވޯޓަކުންނެވެ.

