
ދައުލަތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުން ހުށަހެޅި މުހިންމު ބަދަލުތަކަކާ އެކު، ޓެކުހާ ގުޅުންހުރި ކުށްތަކުގެ އަދަބުތައް އިތުރަށް ހަރުކަށިކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފިއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. މި ބަދަލުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ޢަދަދު އަމިއްލައަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދިނުމާއި، ޓެކުހުގެ ނިޒާމު ތަންފީޒުކުރުން ހަރުދަނާކުރުމެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން މީރާއަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން، ޓެކުހުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ނުދައްކައިފިނަމަ، ބަންޑާރަނައިބުގެ އޮފީސް މެދުވެރިނުކޮށް ސީދާ މީރާއިން ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ އިޚުތިޔާރު ޤާނޫނުން މިހާރު ލިބިދެއެވެ. މީގެ އިތުރުން މީރާގެ ތަޙުޤީޤުތަކާއި އޮޑިޓްތައް ހިންގުމުގެ އުސޫލުތައް މުރާޖަޢާކޮށް، މީގެ ކުރިން ޤާނޫނުގައި ނެތް އައު ކުށްތަކެއް ތަޢާރަފުކޮށް އަދަބުތައް ވަނީ ބޮޑުކޮށްފައެވެ.
މި ބިލު ދިރާސާކުރި ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހަކާ އެކު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާގެ މުވައްޒަފަކު ކުރާ ރަސްމީ މަސައްކަތަށް ހުރަސްއެޅުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ ފަރާތްތަކަށް ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ނުވަތަ ބިރުދެއްކުން ފަދަ ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ ކުށުގެ އަދަބެއްގެ ގޮތުން 200،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، ސިއްރު ހިފެހެއްޓުމުގެ މާއްދާއަށް ވެސް މުހިންމު އިސްތިސްނާތަކެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ދައްކަންޖެހޭ ޓެކްސް ނުވަތަ ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމަކީ ސިއްރު ހިފެހެއްޓުމާ ޚިލާފުވުން ކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުގައި ވަނީ ލިޔެފައެވެ. އަދި ޝަރުޢީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ މައްސަލައަކަށް ބޭނުންވާ މަޢުލޫމާތު ދޫކުރުމަށް ވެސް މި ޤާނޫނު މިހާރު ހުރަހެއް ނާޅައެވެ.

