
ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ދެ މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހޯދަމުންދާ ދެ މީހުންނަކީ ށ. ކޮމަންޑޫ، ހިޔަލީގެ، އިބްރާހީމް އަޒުހަދު (36އ) އާއި ގއ. ކަނޑުހުޅުދޫ، ނިއުޒިލް، ޝިހާނު އަޙްމަދު (27އ) ކަމަށެވެ. އަޒުހަދު ހާޒިރުވާން އަންގާފައި ވަނީ 15 އޮގަސްޓު ގެ 15:00 އަށެވެ. އަދި ޝިހާނު ހާޒިރުވުމަށް އަންގާފައި ވަނީ 9 އޮގަސްޓު ގެ 09:00 އަށެވެ. މި ދެ މީހުން ހާޒިވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެ މީހުން ހޯދަނީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކުރީ ކަމަށް ބުނެފައިވެއެވެ.

