
ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އަށް ވަންނަ ޑޮލަރުގެ އަދަދު މަދުވެފައިވާތީ، ޑޮލަރު ދޫކުރާ މިންވަރު ކޮންޓްރޯލް ކުރަން ފިޔަވަޅު ތަކެއް އަޅައިިފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަންއާއި އެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވް ވާގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މި ބަދަލާއެކު ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު (ކާޑުގެ ވެރިފަރާތާއި ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ.
ބީއެމްއެލް އިން މީގެ އިތުރުން އެޅި އަނެއް ފިޔަވަޅަކީ ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއްނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެކުއްޖަކަށް ސްޓޫޑެންޓް ކާޑު ކިޔަވާކުދިންނަށް ދެވިފައިވާ ޚާއްސަލިމިޓާއި އެކު ދޫކުރަން ނިންމުމެވެ.
އެ ކުންފުނިން ބުނީ މިކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެއެވެ. އަދި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
ބީއެމްއެލް އިން ބުނީ މީގެ އިތުރުން ވިޔަފާރީގެ ބޭނުމަށް ބައެއްފަރާތްތަކުން ވަރަށްގިނަ ޢަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރަމުންދާ ކަމަށާ އެހެންކަމުން ބޭންކުން ވަރަށްގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދު ފަރާތްތަކަކަށް ކަމަށެވެ.
އެ ކުންފުނިން ބުނީ މިކަން ކޮންޓްރޯލް ކުރަން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިން އިންސައްތައަށް ވުރެ މަދު އަދަދެއް ކަނޑައެޅުން ހިމެނެއެވެ.
“މިއީ ކުރިން ދެންނެވި ފަދަ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތަކެވެ. އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން،” ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ މި ބަދަލުތައް ގެނައި ނަމަވެސް ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެއެވެ.
ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ލުއި ވާނެ ބަދަލު ތަކެއް ވެސް ގެނެސްފައެވެ.
މިގޮތުން ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުމާއި އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސުން ހިމެއެވެ. މީގެ އިތުރުން ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން ހިމެނެއެވެ.
ބީއެމްއެލް އިން ބުނީ ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ ކަމަށެވެ. އަދި ޓީޓީ ތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް ވަނީ ނިންމާފައެވެ.

