
ޓުވާލޫގެ ނައިބު ބޮޑުވަޒީރު އަދި މާލީ ވަޒީރު ޕަނަޕާސީ ނެލެސޯނޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ސިޑްސް ފޯރަމްތަކުގެ ހަވާސާގެ ތެރެއިން، ތިމާވެއްޓާއި އިޤްތިޞާދީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މާލީ ނިޒާމުތައް ބައްޓަންވެފައި އޮންނަ ގޮތުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ މެންބަރުންނަށް ކުރިމަތިވާ ހުރަސްތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާ ގުޅިގެން ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ދެމެހެއްޓެނެވި ތަރައްޤީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަމާ މެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެއްގޮތް މަސްލަހަތުތަކެއް ހިއްސާކުރާ ކުދި ޖަޒީރާ ޤައުމުތަކުން އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތްކުރުމަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޓުވާލޫގެ ނައިބު ބޮޑުވަޒީރު ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވާފައި ވަނީ “ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026″އާއި “އައިލެންޑް އިންވެސްޓްމަންޓް ފޯރަމް”ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ހިނގާ އޯގަސްޓް މަހުގެ 23އިން 25އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން އަމިއްލަ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަޤްވާމީ އެހީތެރިންގެ އިތުރުން ދިރާސާކުރާ ފަރާތްތައް އެއްތަންކޮށް، ގުޅުން ބަދަހިކުރުމަށް ބޭއްވޭ މުހިންމު މަހާސިންތާއެކެވެ.

