
ރާއްޖޭގެ ސަރުކާރުން ގެރެންޓީ ދީފައިވާ ޖުމްލަ ދަރަނި ފުރަތަމަ ކުއާޓަރާ ހަމައަށް އައިއިރު 154.8 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ދަރަނި ހުރި 154.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ އިތުރުވުމެއްގައެވެ. ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 154.8 ބިލިއަން ރުފިޔާގައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ 124.4 އިންސައްތައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް އެތެރޭގެ ދަރަނި ހުރީ 92,1 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން މަރުކަޒީ ސަރުކާރުގެ ދަރަންޏަކީ 91,3 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ގެރެންޓީ ދީފައިވާ އެތެރޭގެ ދަރަނީގެ މިންވަރަކީ 813.1 މިލިއަން ރުފިޔާއެވެ.
ބޭރުގެ ދަރަނި ނުވަތަ އެކްސްޓަރނަލް ޑެބްޓްގެ ގޮތުގައި ހުރީ 62,7 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން މަރުކަޒީ ސަރުކާރުގެ ބޭރުގެ ދަރަންޏަކީ 43,2 ބިލިއަން ރުފިޔާއަށް ވާއިރު، ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތަކަށް ސަރުކާރުން ގެރެންޓީ ދީފައިވާ މިންވަރު (ގެރެންޓީޑް އެކްސްޓަރނަލް ޑެބްޓް) ހުރީ 19,450.2 ބިލިއަން ރުފިޔާގައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނި ޖީޑީޕީގެ 124.4 އިންސައްތައިގައި ހުރިއިރު، މީގެ ތެރެއިން އެތެރޭގެ ދަރަނި ހިއްސާކުރަނީ ޖީޑީޕީގެ 74.0 އިންސައްތައެވެ. އަދި ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 50.4 އިންސައްތައިގައެވެ.

