
މަޝްހޫރު ފިލްމީ ތަރި އާރް މާދަވަންގެ ހަންގަނޑު ތާޒާކޮށް އަދި ޒުވާންކަންމަތީ ބެހެއްޓުމުގެ މައިގަނޑު ސިއްރަކީ ގިނަ ވަގުތު އަވީގައި އުޅުންކަން އޭނާ ހާމަކޮށްފިއެވެ.
ދާދި ފަހުން ޖީކިއު އިންޑިއާއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި މާދަވަން ބުނެފައި ވަނީ، އިރުގެ އަވިން ހަންގަނޑުގެ ކުލަ ކަޅުވި ނަމަވެސް، އޭގެ ސަބަބުން ހަންގަނޑަށް އާދަޔާޚިލާފު ބާރުކަމެއް ގެނެސްދޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ މާ ކުރިން ވެސް އެނގެން ބޭނުންވި ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.
މާދަވަންގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.
މިކަމާ ގުޅޭގޮތުން ކިމްސް ހޮސްޕިޓަލުގެ ޑަރމަޓޮލޮޖީ ކޮންސަލްޓެންޓް ޑރ. އަޖޭ ޑޮޑޭޖާ ވިދާޅުވީ، އަވީގައި ގިނައިރު އުޅުމުން ހަންގަނޑަށް ބާރުކަމެއް އިހުސާސްވަނީ ހަންގަނޑުގެ ބޭރު ފަށަލައިން ފެން މަދުވުމުގެ ސަބަބުން ކަމަށެވެ. ހޫނާއި، ޔޫވީ ރޭޑިއޭޝަންގެ އިތުރުން ދާހިއްލުމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ޤުދުރަތީ ތެތްކަން ގެއްލި، ހަންގަނޑު ކުރަކިވާ ގޮތް ދިމާވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޚާއްޞަކޮށް ހަންގަނޑު ހިކި އަދި ނާޒުކު މީހުންނަށް މިކަން ބޮޑަށް އިހުސާސްކުރެވޭނެއެވެ. މީގެ އިތުރުން، ބައެއް މީހުންނަށް އަވީގެ ސަބަބުން ހަމުގެ ދުޅައެއް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަވީގައި އުޅުމުން ހަންގަނޑަށް ބާރުވުމަކީ އަބަދު ހަންގަނޑަށް ގެއްލުން ވުން ނޫން ކަމަށާއި، ނަމަވެސް ހަންގަނޑު ރަތްވެ، ކަހައި، ފިހޭ ގޮތް ވާނަމަ އެއީ ގެއްލުން ލިބެމުންދާކަމުގެ ނިޝާނެއްކަމަށް ޑރ. ޑޮޑޭޖާ ފާހަގަކުރެއްވިއެވެ. ގިނައިން ޔޫވީ ދޯދިތަކަށް ހުށަހެޅޭ ނަމަ، ހަންގަނޑު އަވަހަށް މުސްކުޅިވެ، ރޫޖެހި، ލަފުތައް ނަގައި، އަދި ހަމުގެ ކެންސަރަށް މަގުފަހިވާކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އެހެން ނަމަވެސް މުޅިން އަވިން ރައްކާތެރިވެގެން ގޭގައި ތިބުމަކީ ޞިއްޙަތަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. ވިޓަމިން ޑީ ހޯދުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަވީގައި އުޅުމަކީ މުހިންމު ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ޔޫވީގެ އަސަރު ކުޑަ ވަގުތުތައް ކަމަށްވާ ހެނދުނު ނުވަތަ ހަވީރުގެ ވަގުތުތަކުގައި ބޭރަށް ނުކުތުން ކަމަށް ޑރ. ޑޮޑޭޖާ ލަފާދެއްވައެވެ.
ހަންގަނޑު ރައްކާތެރިކުރުމަށް ޓަކައި، އަވީގައި އުޅޭއިރު އެސްޕީއެފް ތިރީހަށް ވުރެ މަތީގެ ސަންސްކްރީން އުނގުޅުމާއި، ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުމާއި، އަވިއައިނު އެޅުމުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި މިންވަރަށް ފެންބުއިން މުހިންމެވެ. ހަމައެއާ އެކު، އަވީގައި އުޅުމަށް ފަހު ރަނގަޅު މޮއިސްޗަރައިޒަރއެއް ބޭނުންކުރުމުން ހަންގަނޑުގެ ތެތްކަން އަނބުރާ އިޢާދަކުރުމަށް އެހީތެރިވެދޭނެއެވެ. ޞިއްޙީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަވީގެ ފައިދާ ހޯދުމެވެ.

